ސިވިލް ކޯޓަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަ ބެލުމުގެ ފުރިހަމަ އިޚްތިޞާޞް ލިބިގެންވާ ފުރަތަމަ މަރްޙަލާގެ ކޯޓެވެ. ސިވިލް ކޯޓު ކުރިން ހިންގަމުންއައީ މަދަނީ ކޯޓުގެ ނަމުގައެވެ. މަދަނީ ކޯޓު އުފެދިފައިވަނީ 01 އޮގަސްޓް 1997 ގައެވެ. އެއީ އޭގެކުރިން މަދަނީ މައްސަލަތައް ބަލަމުން ދިޔަ ކޯޓު ނަމްބަރު 2 އަދި 4 އުވާލުމަށްފަހުއެވެ. މިކޯޓުގެ ނަން ސިވިލް ކޯޓަށް ބަދަލުވީ 21 އޮކްޓޯބަރ 2010 ގައި ޤާނޫނު ނަމްބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއި ގުޅިގެންނެވެ. ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މާލޭގައި ހިނގަމުންދިޔަ މަދަނީ ކޯޓު ސިވިލް ކޯޓަށް ބަދަލުވެ، ސިވިލް ކޯޓު އުފެދިގެންދާނެ ކަމަށް އެޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. އަދި މަދަނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް ސިވިލްކޯޓަށް ބަދަލުވެ، މަދަނީ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުވީ ކަމަށް އެމާއްދާގައި ބަޔާންވެގެން ވެއެވެ. އެވަގުތުން ފެށިގެން މިކޯޓު ހިނގަމުން މިދަނީ ސިވިލް ކޯޓުގެ ނަމުގައެވެ.


ވިޝަން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތްވާގޮތުގެމަތީން ވަކިފަރާތަކަށް ނުޖެހި މުސްތަޤިއްލުކަމާއި މިނިވަންކަމާއިއެކު ރައްޔިތުންގެ ޙައްޤުތައް ވީއެންމެ އަވަހަކަށް ހޯދައިދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޢަދުލުއިންސާފު ޤާއިމްކުރާ ކޯޓަކަށްވުމެވެ.


މިޝަން

ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެމަތީން ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ، އިތުބާރު ލިބިފައިވާ ގޮތަށް ޢަދުލު އިންސާފު ޤާއިމްކުރުމެވެ.

ފައިސާ ބަލައިގަންނާނީ

ސިވިލް ކޯޓަށް ފައިސާ ބަލައިގަންނާނީ ހެނދުނު 8.00 އިން މެންދުރު 12.00 އާއި ދެމެދުއެވެ.