މަދަނީކޯޓުގެ އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަރާވިހެއް ބާއްވައިފި
މަދަނީކޯޓުގެ އަހަރީދުވަސް 01 އޯގަސްޓް 2010 ފާހަގަ ކުރުމުގެ ގޮތުން ތަރާވިހެއް ބާއްވައިފިއެވެ. މިތަރާވިސް ބޭއްވުނީ 01 ސެޕްޓެމްބަރު 2010 ދުވަހުގެ ރޭގެ 21:30 އިން 23:00 އަށް ސެންޓްރަލް ހޮޓަލުގެ "ފަރިވަޅު ރެސްޓޯރެންޓް" ގައެވެ.
މިހަފްލާގެ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިން ނެވެ. މިހަފްލާގައި ކޯޓުތަކުގެ ޤާޟީންނާއި މަދަނީކޯޓުގެ މުވައްޒަފުންނާއި މަދަނީކޯޓުގެ އިސްޤާޟީކަން ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މިހަފްލާގައި 2009 ވަނަ އަހަރު ޑިމޮކްރެސީފެއާރގައި މަދަނީކޯޓު ތަމްސީލް ކުރެއްވި މުވައްޒަފުންނަށާއި 2009 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައި މަދަނީކޯޓު ތަމްސީލް ކުރެއްވި މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިޔުން ދެއްވިއެވެ.
ޑިމޮކްރެސީފެއާރގައި ބައިވެރިވި ބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިންއެވެ. އަދި ކުލަބް މޯލްޑިވްސް ކަޕް 2009 ގައި މަދަނީކޯޓު ތަމްސީލް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ މަދަނީކޯޓުގެ އިސްޤާޟީ ކަންކުރައްވާފައިވާ ދެބޭފުޅުން ކަމަށްވާ އަލްއުސްތާޛު އަޙުމަދު މުޙައްމަދު އާއި އަލްއުސްތާޛު މުޖުތާޒު ފަހުމީއެވެ.
މިހަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިން އާއި މަދަނީކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ސަމީރު އާއި މަދަނީކޯޓުގެ އިސްޤާޟީކަން ކުރައްވާފައިވާ އަލްއުސްތާޛު އަޙުމަދު މުޙައްމަދު ވާހަކަ ދެއްކެވިއެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ މަދަނީކޯޓުގެ ޤާޟީ އައްޝައިޚު ޢަބްދުﷲ ޢަދީބެވެ.
މިހަފްލާ ނިމުނީ، ތަރާވިހަށް އިންސާފު ކުރުމަށް ފަހުގައެވެ.
