ގ. ކޮނޮއްޓާ މުޙައްމަދު އަޙްމަދު ދީދީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކުރި ދަޢުވާގެ ޙުކުމްކޮށްފި
ގ. ކޮނޮއްޓާ މުޙައްމަދު އަޙްމަދު ދީދީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކުރި ދަޢުވާގެ ޙުކުމް ކޮށްފިއެވެ.
މުޙައްމަދު އަޙްމަދު ދީދީގެ ދަޢުވާގައި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެ މަތިން ސިފައިންގެ ސާރޖަންޓެއްގެ ވަޒީފާ އަދާކުރުމުގެ ޢުމުރު ހަމަވުމަށްފަހު ޤާނޫނީގޮތުން ލިބިފައިވާ ރިޓަޔަރމަންޓް ޙައްޤުގެ ދަށުން ރިޓަޔަރކޮށްދީފައިނުވާތީއާއި، ސިފައިންގެ ވަޒީފާގައި ޝަރަފުވެރިކަމާއެކު 30 އަހަރާއި 9 މަސްދުވަހު އުޅުމަށްފަހު، ވަޒީފާއިން ވަކިވުމާއި، ރިޓަޔަރވުމަށް އެދި، މިނިސްޓަރ އޮފް ޑިފެންސްގައި އެދުމުން 2009 އޮކްޓޯބަރ 01 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްދިނުމަށްފަހު، ރިޓަޔަރމަންޓް ޢިނާޔަތްތައް ދޭނެކަމަށް ލިޔުމުން ޖަވާބުދީ، ފަހުގެ ތާރީޚެއްގައި ރިޓަޔަރމަންޓް ޢިނާޔަތްތައް ދެވެން ނެތްކަމަށް ބުނެފައިވާތީ، ޤާނޫނު ނަންބަރު: 2008/1 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޓަޔަރމަންޓް ޙައްޤު ހޯދުމަށް އެދިފައިވެއެވެ.
ޤާޟީ މަރްޔަމް ނިޙާޔަތު އިއްވެވި ޙުކުމުގައި، 05 ޖުލައި 1979 އިން ފެށިގެން 1 އޮކްޓޯބަރ 2009 އާއި ހަމައަށް ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ ދަޢުވާކުރާ މުޙައްމަދު އަޙްމަދު ދީދީ އަކީ ޤާނޫނު ނަންބަރު: 2008/1 (ސިފައިންގެ ޤާނޫނު) އަދި މިޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވި މީހެއްކަމުގައި ބެލުމަށާއި، މުޙައްމަދު އަޙްމަދު ދީދީ އަށް ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުވެގެންވާކަމަށް ކަނޑައަޅައި، މިޢިނާޔަތްތައް މިއަދު 07 އޭޕްރީލް 2011 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، މިމުއްދަތުގެ ތެރޭގައި މުޙައްމަދު އަޙްމަދު ދީދީ އަށް ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް އަންގާފައިވެއެވެ.
