މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ދައުލަތުގެ މައްޗަށް ދައުވާކުރި މައްސަލާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފި
މިގޮތަށް ޙުކުމްކުރީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްއާއި އެދެތަނުގެ މުވައްޒަފުންނާއި މުދަލާއި ފައިސާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ހަވާލު ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ދައުވާ ކުރި މައްސަލާގައެވެ.
މިމައްސަލާގައި ޙުކުމް ކުރައްވަމުން ޤާޟީ އަލްއުސްތާޛު ޙާތިފް ޙިލްމީ ފާހަގަ ކުރައްވާފައިވަނީ މިމައްސަލައަކީ، މޯލްޑިވްސް ނާޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުގެ އަމިއްލަ ނަމުގައި އެކުންފުނީގެ މައްޗަށް ދައުވާ ލިބި އެކުންފުނީގެ ފަރާތުން ޖަވާބެއް ދިނުމުގެ ޙައްޤު އެކުންފުންޏަށް ލިބިގެންވާ މައްސަލަ އަކަށްވާތީ އެފަރާތުގެ މައްޗަށް މިދައުވާ ރައްދުނުކޮށް އެންމެފުރަތަމަ އެކުންފުނީގެ މެންބަރުންގެ މައްޗަށް ދައުވާ ރައްދުވާ ގޮތަށް މިމައްސަލަ ކުރިއަށް ގެންދިއުމަކީ، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށުން ކުންފުނި އުފެއްދުމުގެ މަޤްސަދާއި، އެކުންފުނީގެ މެންބަރުންނަށް ލިބިދޭ ރައްކާތެރިކަމާއި ކުންފުނިތަކަށް ލިބިދޭ އަމިއްލަ ޤާނޫނީ ޝަޚްޞިއްޔަތު ގެއްލިގެން ދާނެ ކަމެއްކަމުގައިވާތީ މިމައްސަލާދައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ދައުވާ ނުކޮށް ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)ގެ މައްޗަށް ދައުވާ ރައްދުވާގޮތަށް މިމައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށެވެ.
