ދައުލަތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ނިންމައިފި
ދައުލަތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ނިންމައިފިއެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމީ ދައުލަތުގެ ބަންޑާރަނައިބު ކަމަށް ޢައްޔަންކުރެވުނު ފަރާތަަށް ރައްޔިތުންގެ މަޖިލީގުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 15ވަނަ ޖަލްސާގައި، އެމަޖިލީހުގެ ރުހުން ދެއްވާފައިނުވާތީ ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް ސިވިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށްފަހުގައެވެ.
ޤާޟީންގެ ނިންމުމުގައިވަނީ "ދަޢުލަތުގެ ބަންޑާރަނައިބުކަމަށް ޢައްޔަންކުރެވުނު ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ރައްޔިތުނެގެ މަޖިލީހުގެ ރުހުން ދެއްވާފައިނުވާތީ މަތީ މަރްޙަލާގެ ކޯޓަކުން ވަކޮގޮތަކަށް ކަނޑައަޅުއްވަންދެން ނުވަތަ ޤާނޫނު އަސާސީގައި ބުނާގޮތުގެމަތިން ބަންޑާރަނައިބަކު ހަމަޖެހެންދެން ސިވިލް ކޯޓުގައި މިހާރު ހުރި ދައުލަތަށް ދަޢުވާލިބޭ އަދި ދަޢުލަތުން ދަޢުވާކުރާ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ނިންމައފީމެވެ." މިހެންނެވެ.
