އެކިއެކި މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓޭ ފަރާތްތަކުގެ މަޢުލޫމާތު ވެބްސައިޓްގައި ޝާއިޢުކުރާގޮތަށް ހަމަޖައްސައިފި
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓޭ ފަރާތްތަކާއި، އަދި ޕާސްޕޯޓް ދޫކުރާފަރާތްތަކުގެ މަޢުލޫމާތު ޢާންމުންނަށް ފަސޭހަވާނެގޮތެއް ހެދުމުގެގޮތުން އޭޕްރީލް މަހުން ފެށިގެން ސިވިލް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކުރާގޮތަށް ހަމަޖައްސައިފިއެވެ.
ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓުމުން، އެފަރާތެއް ދިރިއުޅޭ އެޑްރެހަށް އެކަން އަންގައި ލިޔުން ފޮނުވުމަކީ ދަތިކަމަކަށްވާތީއާއި، އަދި އެކަމުގެ ސަބަބުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކަށްބަލައި، އެމަޢުލޫމާތު ސިވިލް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކުރުމުން، އެންމެންނަށްވެސް އަވަސް ވަގުތެއްގެ ތެރޭގައި އެމަޢުލޫމާތު ލިބުމުން އެކަމުގައި ފަސޭޙަތަކެއް އެފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، ޕާސްޕޯޓު ދޫކުރުމަށް އަމުރު ނެރުމާއެކު ވެބްސައިޓުން އެމަޢުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
