މާލޭ ހުޅަނގު ހާބަރު ސަރަހައްދުން ބިންވިއްކުމުގެ މުއާމަލާތް މިވަގުތަށް ނުކުރުމަށް އަންގައި އަމުރުކޮށްފި
މިގޮތަށް އަމުރު ކުރީ، މާލޭ ހާބަރު ސަރަހައްދުން މާލޭ މުނިސިޕަލްޓީން ނީލަމުގައި ބިން ވިއްކުން ކުރިއަށް ނުގެން ދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދިވަޑައިގެން ޕީޕަލްސް އެލައަންސާއި ދިވެހި ރައްޔިތުންގެ ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ދިވެހި ޤައުމީ ޕާޓީގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2010/އެމް.ސީ/2062 ގެ ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާ ފައިވާ މައްސަލާގައެވެ.
މިއަމުރު ނެރެދެއްވަމުން ޤާޟީ ވިދާޅުވެފައިވަނީ މަދަނީކޯޓުގެ ނަންބަރު 2010 /އެމް.ސީ/2062 ގެ ޤަޟިއްޔާއަކީ މާލޭ ހުޅަނގު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ނިންމަވާފައިވާ ނިންމުމުގެ ޞައްޙަ ކަމާމެދު ގޮތެއް ކަނޑައެޅުމަށް ކުރެވިފައިވާ ދައުވާ އަކަށްވާތީއާއި އެޤަޟިއްޔާގައި ވަކިގޮތެއް ކަނޑައަޅާފައި ނުވަނީސް އެމުއާމަލާތްތައް އެގޮތުގައި ހިންގުމަށް ފުރުސަތު ދެވިފައި އޮތުމަކީ އެކަމުގައި އޮތް އެންމެ ޢަދުލުވެރި ގޮތް ކަމުގައި ނުވާތީއާއި އެފުރުސަތު ދެވިއްޖެނަމަ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީ ކަމުގައެވެ.
