ވިޔަފާރިއާއި ބެހޭ ބަޔަށް މައްސަލަ ހުށަހަޅާނެގޮތް
މަދަނީ ކޯޓުގެ ވިޔަފާރިއާބެހޭ ބައިން ބެލުމަށް ހަމަޖެހިފައިވާ ބާވަތުގެ މައްސަލައެއް މަދަނީ ކޯޓަށް ހުށަހަޅަން ވެއްޖެނަމަ އެމައްސަލައެއް ހުށަހަޅަންވާނީ މަދަނީ ކޯޓުގެ ވިޔަފާރިއާ ބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ މިފޯމާ އެއްގޮތަށް މައްސަލަ ހުށަހަޅާފަރާތުން ތައްޔާރުކުރާ ލިޔުމަކުންނެވެ. މި ފޯމު މަދަނީކޯޓުގެ ކައުންޓަރުން، އަދި ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.
މަދަނީކޯޓުގެ ވިޔަފާރިއާ ބެހޭ ބައިން މައްސަލައެއް ނުވަތަ ދަޢުވާއެއް ހުށަހަޅާ ފަރާތުން ދަޢުވާފޯމުގެ މަދުވެގެން 3 ސެޓް ހުށަހަޅާން ވާނެއެވެ. އެއީ ދަޢުވާކުރާ ފަރާތަށް ސެޓަކާއި، ދަޢުވާ ލިބޭ ފަރާތަށް ސެޓަކާއި، ކޯޓަށްވީ ސެޓެވެ. ދަޢުވާކުރަނީ އެކަކަށްވުރެ ގިނަ ބައެއްގެ މައްޗަށް ކަމަށްވާނަމަ އެއިން ކޮންމެ މީހަކަށް ދަޢުވާފޯމުގެ ސެޓެއް ތައްޔާރުކޮށް ކޯޓަށް ހުށަހަޅަން ވާނެއެވެ.
ދަޢުވާ ފޯމާއެކު މައްސަލާގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހުށަހަޅަން ގަސްތުކުރާ ލިޔުންތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތުގެ އަތުގައި ހުރި އެންމެހައި ލިއުންތައް ދަޢުވާ ފޯމާއެކު ކޯޓަށް ހުށަހަޅަން ވާނެއެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅަން ގަސްތުކުރާނަމަ ހެކިންގެ ނަމާއި އެޑްރެސް ވެސް ދަޢުވާ ފޯމުގައި ބަޔާންކުރަންވާނެއެވެ.
ދަޢުވާކުރާ ފަރާތުން ޤާނޫނީ ވަކީލަކު ގެންނަން ނުވަތަ ދަޢުވާކުރާ ފަރާތުގެ ބަދަލުގައި އެހެންމީހަކު ޝަރީޢަތަށް ފޮނުވަން ގަސްތުކުރާނަމަ ފޯމުގައި އެކަން ބަޔާން ކުރުމަށްފަހު، ޤާނޫނީ ވަކީލު ނުވަތަ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވުމަށް ކަނޑައެޅި ފަރާތް ޢައްޔަން ކުރުމަށް އެކަމަށްޓަކައި ހެދިފައިވާ ފޯމް ދަޢުވާފޯމާއެކު ކޯޓަށް ހުށަހަޅަން ވާނެއެވެ. ދަޢުވާފޯމުގެ ސެޓުތައް ކޯޓަށް ހުށަހެޅުމާއެކު އެފޯމު ފުރާފައިވަނީ ރަނގަޅަށްކަމަށްވެފައި، ދަޢުވާފޯމުގައި ބުނެފައިވާ ކަންކަން ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެންމެހައި ލިއުންތައް ހަމައަށް ހުށަހަޅާފައިވާނަމަ އަދި ހުށަހެޅިފައިވާ ދަޢުވާ ނުވަތަ މައްސަލައަކީ ޤަޟިއްޔާ އެއްގެ ގޮތުގައި ކޯޓުގައި ހިންގިދާނޭތަން އޮތް މައްސަލައަކަށް ވާނަމަ އަދި އެމައްސަލައަކީ މަދަނީ ކޯޓުގައި ބެލިދާނެ މައްސަލައަކަށް ވާނަމަ، އެ މައްސަލައިގެ ފޯމުތައް ކޯޓުން ބަލައިގަނެ އެ މައްސަލައެއް ހުށަހެޅުމަށްޓަކައި ދަޢުވާ ކުރާފަރާތުން ކޯޓަށް ދައްކަންޖެހޭ ފީ ދެއްކުމަށް ދަޢުވާކުރާ ފަރާތަށް ކޯޓުން އަންގާނެއެވެ. މިގޮތުން މަދަނީކޯޓަށް މައްސަލައެއް ހުށަހެޅުމަށްޓަކައި ކޯޓަށް ދައްކަންޖެހޭ ފީއަކީ-/25 ރ.(ފަންސަވީސް ރުފިޔާ) އެވެ.
މައްސަލަ ހުށަހެޅުމަށްޓަކައި ދަޢުވާކުރާ ފަރާތުން ކޯޓަށް ދައްކަންޖެހޭ ފީ ދެއްކުމުން އެ މައްސަލަ ޤަޟިއްޔާއެއްގެ ގޮތުގައި ކޯޓުގައި ރަޖިސްޓްރިކޮށް، ހުށަހެޅި ދަޢުވާ ކުރިއަށް ގެންދާނީއެވެ.
