ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016ގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑި

2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 03 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ދެމައްސަލައެއް ފިޔަވައި 03 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް މިހާރުވަނީ ނިންމައި، 2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑިއަށް ވާޞިލުވެވިފައެވެ.

މިއީ ސިވިލް ކޯޓަށް، އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ.

މިކާމިޔާބީއަށް ވާޞިލުވެފައި މިވަނީ ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް މިކޯޓުގެ 05 ޑިވިޜަނެއް ޤާއިމުވެގެން މިދިޔަ ދިޔުމުގައި ކޯޓުގެ މުރާލި ޤާޟީންނާއި ޚިދުމަތްތެރި މުވައްޒަފުން ކޯޓުގެ މައްސަލަތައް ގަޑަގަޑަ ލާފައި ނިންމުމަށް އަޑުފަށްކިޔާފައި ކުރި ގަދަ މަސައްކަތާއި ކުރި ހިތްވަރުގެ ނަތީޖާއިންނެވެ.

މިނަތީޖާ ނެރުއްވުމަށްޓަކައި މިކުރި މަސައްކަތުގެ ތެރޭގައި ތީމުގޭ އުތުރުން ހަވީރީ ހިނގުމުގައި ހުރި ޢިމާރާތުގައި ހިނގަމުންދިޔަ މިކޯޓުގެ ބައެއް ޑިވިޜަންތަކާއި ސެކްޝަންތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އައި ދުވަސްވަރެއް މިފިޔަވަހީގެ ފަހު ކޮޅުގައި ދިމާވެގެންދިޔަ ކަމުގައިވިޔަސް، ލަނޑުދަނޑިއަށް ވާޞިލުވުމަށް ކުރި މަސައްކަތަށް ފަނޑުކަމެއް ކިލަނބުކަމެއް ނައިސް މިލަނޑުދަނޑިއަށް ވާޞިލުވެފައިވާތީ، މިއީ ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް ހުރި ތަޢުރީފެއް ކަމުގައި ކޯޓުން ބަލައިގަންނަމެވެ.

ސިވިލް ކޯޓުގެ ޢަޒުމް 2016 ގެ ލަނޑުދަނޑީގެ ދެވަނަ ފިޔަވަހީގެ 03 މަސްދުވަހުގެ ތެރޭގައި 01 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ނުބޭއްވުމާއި، 03 ވަނަ ފިޔަވަހީގެ 03 މަސްދުވަހުގެ ތެރޭގައި 08 މަސްދުވަހަށް ވުރެ ގިނަދުވަސްވީ މައްސަލައެއް ނުބޭއްވުމާއި، 04 ވަނަ ފިޔަވަހީގެ 03 މަސްދުވަހުގެ ތެރޭގައި އެއްވެސް ޤާޟީއެއްގެ އަތުގައި 40 މައްސަލައަށް ވުރެ ގިނައިން މައްސަލަ ނުހުންނާނެގޮތަށް މިއަހަރު ތެރޭގައި މަސައްކަތް ކުރުމަށް ވަނީ މަސައްކަތުގެ ޢަޒުމަކަށް ހަދާފައެވެ.

2015 ފެބްރުއަރީ 15 ގައި ސިވިލް ކޯޓުގައި 05 ޑިވިޜަން ޤާއިމްވިއިރު، ނުނިމިހުރި ބާކީއަކީ 1136 މައްސަލައެވެ. 15 ފެބްރުއަރީ 2015 ން 31 މާރިޗް 2016 ގެ ނިޔަލަށް ހުށަހެޅުނީ ޖުމްލަ 2589 މައްސަލައެވެ. ނިމިފައިވަނީ 2681 މައްސަލައެވެ. މިހާރުގެ ބާކީ އަކީ 1044 މައްސަލައެވެ.

  • ޕީ.ޑީ.އެފް ވިދާޅުވުމަށްThaaval